ދުޅަހެޔޮ ކާނާ ހެޔޮ މިންވަރަށް ކާނަމަ ހޮސްޕިޓަލްތައް ބަންދުކުރީސް – އިބްނު ރަޖަބް އަލް-ހަންބަލީ رحمه الله

އިންސާނިއްޔަތުގެ ތާރީޚުގައި، ކެއުމުގެ މުހިންމުކަމަކީ އަބަދުވެސް ފާހަގަކުރެވިފައިވާ ޙަޤީޤަތެކެވެ. އަހަރެމެން ކާ ކޮންމެ އެއްޗަކުން ވެސް އަހަރެމެންގެ ޞިއްޙަތަށް ދެ ބާވަތެއްގެ އަސަރެއް ކުރެއެވެ. އޭގެ އެއް ބާވަތަކީ ފަރުވާގެ ގޮތުގައި ބޭނުންކުރެވޭ ބޭހެއްގެ އަސަރެވެ. މިފަދަ ކާނާއިން އަހަރެމެންގެ ޞިއްޙަތު ރަނގަޅުވެ، ބަލިތަކުން ރައްކާތެރިވެއެވެ. އަނެއް ބާވަތަކީ ވިހައެއްގެ އަސަރެވެ. މިފަދަ ކާނާއިން އަހަރެމެންގެ ހަށިގަނޑަށް ގެއްލުން ލިބި، ބަލިމަޑުކަން އިތުރުވެއެވެ. މި ދެ ބާވަތުގެ އަސަރު ފިޔަވައި، ކާނާގެ އެހެން އަސަރެއް ނޯވެއެވެ. އެހެންކަމުން، އަހަރެމެން ކާ ކޮންމެ އެއްޗަކީ ވެސް އަހަރެމެންގެ ޞިއްޙަތަށް ރަނގަޅު ނުވަތަ ނުރަނގަޅު އަސަރެއް ކުރާނެ އެއްޗެކެވެ.

މާތް ޢިލްމުވެރިޔާ، އިބްނު ރަޖަބް އަލް-ހަންބަލީ (رحمه الله)، އޭނާގެ ފޮތް “ޖާމިޢުލް-ޢުލޫމް ވަލް-ޙިކަމް” (އަން-ނަވަވީގެ 40 ޙަދީޘްގެ ޝަރަޙަ) ގައި އަންނަނިވި ޙަދީޘް ނަކަލުކުރައްވާފައިވެއެވެ.

وَعَنْ اَلْمِقْدَامِ بْنِ مَعْدِيكَرِبَ ‏- رضى الله عنه ‏- قَالَ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم }مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ ، بِحَسْبِ ابْنِ آدَمَ أَكَلَاتٌ يُقِمْنَ صُلْبَهُ ، فَإِنْ كَانَ لا مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ{ ((رواه الترمذي ( 2380 ) وابن ماجه (3349)

އަލްމިޤްދާމް ބިން މަޢުދީކަރިބަ رضى الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲގެ ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ: “އާދަމުގެ ދަރިޔަކު އޭނާގެ ބަނޑަށްވުރެ ނުބައިކޮށް އެއްވެސް ތަނެއް ނުފުރާނެއެވެ. އާދަމުގެ ދަރިޔާއަށް އޭނާގެ ބުރަކަށި ސީދާކޮށް ހުރެވޭވަރަށް (ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓޭވަރަށް) މަދުން ކާ މިންވަރެއް ފުދޭނެއެވެ. އަދި ކޮންމެހެން ޖެހޭނަމަ، އޭނާގެ ބަނޑުގެ ތިންބައިކުޅަ އެއްބައި އޭނާގެ ކާނާއަށް، ތިންބައިކުޅަ އެއްބައި އޭނާގެ ބުއިމަށް، އަދި ތިންބައިކުޅަ އެއްބައި އޭނާގެ ނޭވާލުމަށް [ބޭނުންކުރާށެވެ.]

ދެން އިބްނު ރަޖަބް އަލް-ހަންބަލީ ޝަރަޙަ ކުރައްވާފައިވަނީ:

މި ހަދީޘުގައި ބޭސްފަރުވާގެ އެންމެހައި އުޞޫލުތައް އެކުލެވިގެންވާ ޖާމިޢު އުޞޫލެއް ވެއެވެ.” އަދި ރިވާކުރެވިފައިވެއެވެ: އިބްނު އަބީ މާސަވައިހި، ބޭސްވެރިޔާ، އަބޫ ޚައިޘަމާގެ ފޮތުން މި ޙަދީޘް ކިޔުނު ހިނދު، އޭނާ ބުންޏެވެ: “މީސްތަކުން މި ބަސްފުޅުތަކަށް ޢަމަލުކޮށްފި ކަމުގައިވާނަމަ، އެބައިމީހުން އެންމެހައި ކުދި ބޮޑު ބަލިތަކުން މިންޖުވެގެންވީ ހެއްޔެވެ. އަދި ކްލިނިކުތަކާއި ފާމަސީތައް ބަންދުކުރީސް ހެއްޔެވެ.”

ދެން އިބްނު ރަޖަބް، އިބްނު އަބީ މާސަވައިހިގެ މި ބަސްފުޅާ މެދު ޝަރަޙަކުރައްވަމުން ވިދާޅުވިއެވެ. “ހަމަކަށަވަރުން އޭނާ މިހެން ވިދާޅުވީ، އެންމެހައި ބަލިތަކުގެ އަޞްލަކީ ހަޖަމު ނުވުން (ނުވަތަ ކާނާ ރަނގަޅަށް ހަޖަމު ނުވުން) ކަމަށްވާތީއެވެ… އަދި ޢަރަބިންގެ ބޭސްވެރިޔާ، އަލްޙާރިޘް ބިން ކަލަދާ ވިދާޅުވިއެވެ: ކެއުމުގައި ދުރާލައި ރައްކައުތެރިވުމަކީ [އެބަހީ ރަނގަޅު ކާނާ އެކަށީގެންވާ މިންވަރަށް ކެއުމަކީ] [ބަލިތަކުން] ފަރުވާކުރުމުގެ މައިގަނޑު ބައެވެ. އަދި ހަޖަމު ނުވުމަކީ ބަލިތަކުގެ މައިގަނޑު [ސަބަބު] އެވެ.” … އަދި އަލްޙާރިޘް އިތުރަށް ވިދާޅުދާޅުވިއެވެ: “މަޚްލޫޤުން މަރުވެ، އަދި މަޚްލޫޤުންގެ ހަތްބައިކުޅަ އެއްބައި ހަލާކުވެގެން ދިޔައީ، ކުރިން ކެއި ކާނާ ހަޖަމުނުވަނީސް އޭގެ މައްޗަށް އިތުރު ކާނާ ކެއުމުގެ ސަބަބުންނެވެ.”

ދެން އިބްނު ރަޖަބް ގިނަ ބަސްފުޅުތަކެއް ނަކަލުކުރެއްވިއެވެ. އޭގެ ތެރެއިން: އިބްރާހީމް ބިން އަދްހަމްގެ ކިބައިން [ވިދާޅުވިއެވެ.] “އެމީހެއްގެ ބަނޑުގެ މައްޗަށް ބާރުވެރިކަން ހޯދައިފި މީހާ، އެމީހާގެ ދީނުގެ މައްޗަށް ބާރުވެރިކަން ހޯދައިފިއެވެ. އަދި އެމީހެއްގެ ހައިހޫނުކަމުގެ މައްޗަށް ބާރުވެރިކަން ހޯދައިފި މީހާ، ރިވެތި އަޚުލާގުގެ މައްޗަށް ބާރުވެރިކަން ހޯދައިފި އެވެ.”

—————-

ގިނަ ބަލިތަކުގެ މައިގަނޑު ސަބަބަކީ ނުބައި ކެއުމުގެ އާދަތަކާއި، ހަށިގަނޑަށް ބޭނުންވާ މުހިންމު ކާނާގެ ފައިދާހުރި މާއްދާތައް (ނިއުޓްރިއެންޓްސް) މަދު ކާނާ ބޭނުންކުރުމެވެ.


އިމާމް އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވަނީ: “ބަލިތައް ބެހިގެންވަނީ ދެ ބާވަތަކަށެވެ. އެއީ ހިތުގެ ބަލިތަކާއި ޖިސްމާނީ ބަލިތަކެވެ. ޖިސްމާނީ ބަލިތައް މެދުވެރިވަނީ ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ މާއްދާތައް އިތުރުވެ، ހަށިގަނޑުގެ ޠަބީޢީ މަސައްކަތަށް ހުރަސްއެޅޭ މިންވަރަށް ދިއުމުންނެވެ. ގިނަ ޖިސްމާނީ ބަލިތައް މެދުވެރިވަނީ މިގޮތަށެވެ.

މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ކުރިން ކެއި އެއްޗެހި ހަޖަމުނުވަނީސް އަލުން ކެއުން
  • ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކެއުން
  • ކާނާގެ ފައިދާހުރި މާއްދާތައް (ނިއުޓްރިއެންޓްސް) މަދު ކާނާ ބޭނުންކުރުން
  • ހަޖަމުވުން ލަސް، އެކި ބާވަތުގެ ނުގުޅޭ ކާނާ އެއްފަހަރާ ކެއުން

އާދަމުގެ ދަރިޔާ މިފަދަ ނުބައި ކެއުމުގެ އާދަތައް އަށަގެންނެވުމުން، އެކި ބާވަތުގެ ބަލިތަކަށް މަގުފަހިވެއެވެ. މި ބަލިތަކުގެ ތެރެއިން ބައެއް ބަލިތަކަކީ ދިގު މުއްދަތަކަށް ދެމިގެންދާ ބަލިތަކެވެ. އަނެއްބައި ބަލިތަކަކީ ކުރު މުއްދަތެއްގައި ފަސޭހަވާ ބަލިތަކެވެ. އެހެންކަމުން، މެދުމިނުގައި ކެއުމާއި، ބޭނުންޖެހޭ މިންވަރަށް އެކަނި ކެއުމާއި، ރަނގަޅު ފެންވަރުގެ ކާނާ ބޭނުންކުރުމާއި، އަދި ކާނާގެ އަދަދުގައި އިންސާފުވެރި މިންގަނޑެއް ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ޢަމަލުކުރުމުން، ގިނަ އަދަދަކަށް ކެއުމަށްވުރެ އެތައް ގުނައެއް ހަށިގަނޑަށް ފައިދާކުރާނެއެވެ.” (ޒާދުލް މަޢާދު ފީ ހަދްޔި ޚައިރިލް ޢިބާދު، زاد المعاد في هدي خير العباد

ހުޅަނގުގެ ނަޞާރާ އަދި ޔަހޫދީ އެލޯޕެތީ (ބަލީގެ އަލާމާތްތައް ފިލުވުމަށް ބޭނުންކުރާ ބޭސްވެރިކަމުގެ ނިޒާމު) ބޭސްވެރިންނާ ޚިލާފަށް، އިސްލާމީ ބޭސްވެރިންނާއި އިލްމުވެރިންގެ ދިރާސާތަކުން ދައްކާގޮތުގައި، ގިނަ ބަލިތައް މެދުވެރިވަނީ ހަށިގަނޑަށް ވަންނަ ނުބައި މާއްދާތަކާއި ނުރަނގަޅު ކެއުމުގެ އާދަތަކުގެ ސަބަބުންނެވެ. ބަލިތަކުން ރައްކާތެރިވެ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައި، ކާނާގެ މިންވަރާއި ފެންވަރު ރަނގަޅު މިނެއްގައި ބެހެއްޓުމަކީ ނުހަނު މުހިންމު ކަމެކެވެ.

މިންވަރުގެ މާނައަކީ ވަކި މިންގަނޑަކަށް ކެއުމެވެ.

ފެންވަރުގެ މާނައަކީ ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭ، ދުޅަހެޔޮ، ރަނގަޅު ފެންވަރުގެ ކާނާ ބޭނުންކުރުމެވެ. ވިހަ މާއްދާތައް އެކުލެވޭ ކާނާ ބޭނުންކުރާނަމަ، ހަށިގަނޑަށް ބަލިމަޑުކަމާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް، ފެންވަރު ރަނގަޅު، ދުޅަހެޔޮ ކާނާއެއް ކަމުގައި ވިޔަސް، ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބޭނުންކުރާނަމަ، އެ ކާނާ ވިހައަކަށް ބަދަލުވެ، ހަށިގަނޑުގެ ބެލެންސް ގެއްލި، ބަލިތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މިހެންވެ، ކުރިން ކެއި ކާނާ ހަޖަމުނުވަނީސް އަލުން ކެއުމަކީ ގިނަ ބަލިތައް ޖެހުމުގެ މައިގަނޑު ސަބަބެއް ކަމުގައި އިލްމުވެރިން ވިދާޅުވެފައިވެއެވެ.

——————-

އެންމެހައި ބޭސްތަކާއި ބޭސްވެރިކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ޤުރްއާނުގެ އާޔަތެއްގެ ދެބައިކުޅަ އެއްބައިގައި ޖަމާކުރައްވާފައެވެ.

ރަނގަޅު ތަކެތި ކައިއުޅުމަށް އަމުރުކުރައްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ﴾ [البقرة: 172]
މާނައީ: “ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ.”


އިސްރާފުކުރުން ނަހީކުރައްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ [الأعراف: 31]
މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.”

މަތީގައިވާ އާޔަތް ތަފްސީރުކުރައްވައި އިމާމް އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ: “ސަލަފުންގެ ތެރެއިން ބޭކަލަކު ވިދާޅުވިއެވެ. ﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا﴾ (އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ!) ﷲ ތަޢާލާވަނީ އާޔަތެއްގެ ދެބައިކުޅަ އެއްބައިގައި ބޭސް ފަރުވާ އެކުއެކީ ޖަމަޢަކޮށްފައެވެ.”

މި އާޔަތުގެ ތަފްސީރުގައި އިސްރާފުކުރުމާއެކު ކެއުމަކީ މަކްރޫހަ ކަމެއްކަން ބަޔާންކުރުމަށްފަހު، އިމާމް އަލް-ޤުރުޠުބީ މަދުން ކެއުމުގެ މައްޗަށް އަލިއަޅުވާލައްވައި ވިދާޅުވިއެވެ. “މަދުން ކެއުމުގެ ފައިދާތައް ގިނަގުނައެވެ. މީގެ ތެރޭގައި ހަށިގަނޑު ވަރުގަދަވުމާއި، ހަނދާން ގަދަވެ ހިތް އަލިވުމާއި، ފަހުމުވުމުގެ ސާފުކަން ލިބުމާއި، ނިދި މަދުވުމާއި (ހަށިގަނޑަށް ނިދަން ބޭނުންޖެހިގެންވުން މަދުވުމާއި)، ރޫޙުގެ ލުއިކަން ލިބުން ފަދަ ކަންކަން ހިމެނެއެވެ.”

—————–

ޝިފާ ޚަލްޤުކުރައްވައި ޝިފާ ދެއްވާ ޙަޤީޤީ ޠަބީބަކީ މާތް ﷲ އެވެ. ޙައްޤު ގޮތުގައި ޝިފާ ދެއްވަވާ އައް-ޝާފީ އަދި ހުރިހާ ފަރުވާއެއް ދެނެވޮޑިގެންވާ އައް-ޠަބީބް އަކީ މާތް ﷲ އެވެ.



ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ:
اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً
“މީސްތަކުންގެ ވެރި ރައްބު ޔާ ﷲ އެވެ! އަޅަމެންގެ ކިބައިން އުނދަގޫތައް ދުރުކުރައްވާންދޭވެ! އަދި އަޅަމެންނަށް ޝިފާ ލައްވަވާންދޭވެ! އިބަ އިލާހަކީ އައްޝާފީ (ޝިފާ ދެއްވަވާ) އިލާހެވެ.”

އައް-ޝާފީ އަކީ ބަލިތަކަށް ޝިފާ ދެއްވަވާ އިލާހެވެ. ހިތްތަކުގެ ބަލިތަކާއި ހަށިގަނޑަށް ޖެހޭ އެންމެހައި ބަލިތަކަށް ޝިފާ ދެއްވުން ވަނީ ހަމައެކަނި އެ އިލާހުގެ އަތްޕުޅުގައެވެ. އެ އިލާހުގެ ޢިލްމާއި، ޚަލްޤުކުރެއްވުމާއި، އިރާދަކުރެއްވުމާއި، އިޛުނައާ ލައިގެން މެނުވީ އެއްވެސް އަޅަކަށް ޝިފާ ނުލިބެއެވެ.

އަބޫ ރަމްޘާ رضي الله عنه ރިވާކުރެއްވި ޙަދީޘްގައިވެއެވެ:
އަބޫ ރަމްޘާ رضي الله عنه ނަބިއްޔާ صلى الله عليه وسلم އަރިހުގައި ވިދާޅުވިއެވެ: “އިބަ ނަބިއްޔާގެ ބުރަކަށިން އުނދަގޫފުޅުވެވަޑައިގަންނަވާ ތަނެއް އަހަންނަށް ދައްކަވާށެވެ. ފަހެ، އަހަރެންނަކީ ޠަބީބެއް ނުވަތަ ބޭސްވެރިކަން ކުރާ މީހަކީމެވެ.” ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: “އައް-ޠަބީބް އަކީ ﷲ އެވެ. އަދި ތިބާއަކީ ހަމައެކަނި އޯގާތެރިކަން ދައްކުވައިދޭ މީހެކެވެ. އޭގެ ޠަބީބް އަކީ އޭތި ޚަލްޤުކުރެއްވި ފަރާތެވެ.”


ޝަމްސުއްދީން އަލް-ޢާބާދީ ވިދާޅުވިއެވެ. “މާނައީ، ހަމައެކަނި ތިބާ ކުރާ ކަމަކީ ބަލިމީހާއަށް (ތިބާ ބޭނުންކުރާ ސަބަބުތަކުން) އޯގާތެރިކަމާއި ރަޙުމު ދެއްކުމެވެ. އެހިނދު، އޭނާ އެކަމުން ދުރުކުރައްވައި ޝިފާ ދެއްވަވަނީ ﷲ އެވެ.”


އެހެނީ، ﷲ ޢައްޒަ ވަޖައްލަ އަކީ އެންމެހައި ސަބަބުތަކާއި އޭގެ އަސަރުތައް ޚަލްޤުކުރައްވައި ލެއްވެވި ފަރާތްކަމުގައި ވުމުން، އެކަލާނގެއީ ޙަޤީޤީ ޝިފާދެއްވާ ފަރާތެވެ.

ބޭސްވެރިންނަކީ ހަމައެކަނި އެމީހުންނަށް ހޯދިފައިވާ ސަބަބުތަކާއި އަސަރުކުރުވާ ގޮތްތައް ބޭނުންކުރާ ބައެކެވެ. އެމީހުންގެ ޢިލްމަކީ ބައެއް ފަހަރު އުނިވެގެންވާ އެއްޗެކެވެ. އަނެއްބައި ފަހަރު އެމީހުން ކުރާ ކަންކަން ފަރުވާއާއި ޝިފާއަށް ވާޞިލުވެއެވެ. އަނެއްބައި ފަހަރު އެއީ މުޅިން ގޯސް ފަރުވާއަކަށްވެ، އެއިން ގެއްލުމާއި ބަލިމީހާ ކުރިމަތިލާން ޖެހެއެވެ.

މިއަދު ޞިއްޙީ ދާއިރާގެ ނިޒާމް މިއޮތީ ހުޅަނގުގެ ފަރަންޖީ އިސްތިޢުމާރީ ނިޒާމަކަށް ބަދަލުވެފައެވެ. ބޮޑެތި ހޮސްޕިޓަލް އަޅާ ޞިއްޙަތަށް ކުރާ ޚަރަދު ނުބައްދަލެވެ. ދުވަހަކަށް ވުރެ ދުވަހަކު ބަލި ވަނީ އިތުރުވަމުންނެވެ. އެހެނަސް ކަމުގެ އަޞްލަށް ރުޖޫޢަވާން ނޫޅެއެވެ.

މަޞްދަރު