ޝެއިޚް އާއި ސުވާލު ކުރެވުނެވެ.
ފުރަތަމަ ސުވާލު: ދުނިޔޭގައި މީހުން ގިނަވެ، އެހެންކަމުން މި ޢަދަދަށް މީހުން ދިރިއުޅޭނެ ޖާގައާއި، ކާނާއާއި އަދި ވަސީލަތްތައް ނެތްކަމަށް ބުނާ މީހުންނާ މެދު އިސްލާމްދީނުގެ ނަޒަރަކީ ކޮބައިތޯ؟ އަދި އޭގެ ތެރެއިން ބައެއް މީހުން ބިން ސަލާމަތްކުރުމަށްޓަކައި ދުނިޔޭގައި ދިރިއުޅޭ މީހުންގެ ޢަދަދު މަދުކުރަން ޖެހޭކަމަށް ބާރުއަޅައެވެ.
ދެވަނަ ސުވާލު: ޖަނަވާރު ގެންގުޅުމާއި އަދި ޖަނަވާރު ކެއުމަކީ ތިމާވެށްޓަށް ގެއްލުންހުރި އަދި ބިމާއި އެތަނުގެ ވަސީލަތްތައް ހަލާކުވުމަށް މަގުފަހިވާ ކަމެއްކަމަށް ދަލީލުކޮށްދޭ އެއްވެސް ހެއްކެއް ޤުރުއާނާއި ސުންނަތުން ލިބެން އެބަ އޮތްތޯ؟
ތިންވަނަ ސުވާލު: މަސް ކެއުން އެއްކޮށް ދޫކޮށްލުމަކީ އިންސާނުންނަށް މާ ރަނގަޅު ކަމެއްކަމަށް ދަލީލުކޮށްދޭ އެއްވެސް ހެއްކެއް ޤުރުއާނާއި ސުންނަތުން ލިބެން އެބަ އޮތްތޯ؟
ހަތަރުވަނަ ސުވާލު: ދުނިޔޭގައި ދިރިއުޅޭ މީހުން މާ ގިނަވެފައިވާ ކަމަށާއި، ބިމާއި އެތަނުގެ ވަސީލަތްތައް ހަލާކުވުން ހުއްޓުވުމަށްޓަކައި އާބާދީ މަދުކުރަންޖެހޭ ކަމަށް ބުނާ މީހުންގެ ބަހާ މެދު ކިޔާނީ ކީކޭތޯ؟
ޖަވާބުގައި ވިދާޅުވި އެވެ.:
ނުކުތާ 1: އަޅަކު ޤަބޫލުކުރަންޖެހޭނީ ރިޒުޤު ވަނީ ﷲގެ އަތްޕުޅުގައި ކަމެވެ. މިއީ ފިޠުރަތުންނާއި، ބުއްދިންނާއި އަދި މުޝާހަދާއިން އެނގޭ ކަމެކެވެ.
ޝައިޚް ވިދާޅުވި އާޔަތަކީ: وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِى كِتَٰبٍ مُّبِينٍ މާނައީ: “އަދި ބިމުގައި އުޅޭ އެއްވެސް ދިރޭ އެއްޗެއް ނުވެއެވެ. އެ އެއްޗެއްގެ ރިޒުޤު ﷲގެ ޒިންމާފުޅުގައި މެނުވީ. އަދި އެ އެއްޗެއް ދިރިއުޅޭ ތަނާއި، އެ އެއްޗެއް ރައްކާކުރެވޭ ތަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެ ހުރިހާ ކަމެއްވެސް ވަނީ ބަޔާންވެގެންވާ ފޮތެއްގައެވެ.”
ﷲ ވަނީ އިންސާނުންނާއި، ޖިންނީންނާއި އަދި ހުރިހާ ބާވަތެއްގެ ޖަނަވާރުތަކުގެ ރިޒުޤު ގެރެންޓީކޮށްދެއްވާފައެވެ. މި އާޔަތުގައި ﷲ ވަނީ ކޮންމެ ދިރޭ އެއްޗަކަށްވެސް މިކަން އެކަލާނގެ އަމިއްލަފުޅަށް ވާޖިބުކުރައްވާފައެވެ.
ޝައިޚް ވިދާޅުވި އާޔަތަކީ: إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ މާނައީ: “ހަމަކަށަވަރުން، ﷲއީ ރިޒުޤު ދެއްވާ ފަރާތެވެ. ގަދަފަދަ ބާރުވެރި ފަރާތެވެ.”
އަދި ހަދީޘްފުގައިވެ އެވެ.: ” ތިމަން ރަސްކަލާނގެ ކާންދެއްވާފައިވާ މީހަކު މެނުވީ ތިޔަ އެންމެންނަކީވެސް ބަނޑުހައިވެފައިވާ ބައެކެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ކިބައިން ކާނާ އެދޭށެވެ. ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ކާންދެއްވާހުށީމެވެ. އޭ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަ އެންމެންނަކީވެސް ހެދުން ނެތް ބައެކެވެ. ތިމަން ރަސްކަލާނގެ ހެދުން ދެއްވާފައިވާ މީހަކު މެނުވީ އެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ކިބައިން ހެދުން އެދޭށެވެ. ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ހެދުން ދެއްވާހުށީމެވެ.”
އަދި އަނެއް ޙަދީޘްފުޅަކީ: “ހަމަކަށަވަރުން ރޫޙުލް ޤުދުސް (ޖިބްރީލްގެފާނު) ތިމަންކަލޭގެފާނުގެ ހިތްޕުޅަށް އިލްހާމް ކުރެއްވިއެވެ. ހަމަކަށަވަރުން އެއްވެސް ނަފްސެއް (އެ ނަފްސަކަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވެ) އަދި އެ ނަފްސަކަށް ކަނޑައެޅިފައިވާ ރިޒުޤު ފުރިހަމައަށް ލިބުމުގެ ކުރިން ނުމަރުވާނެއެވެ.”
ނުކުތާ 2: މިކަމުގައި ޤައުމުތަކުގެ އިޖްމާޢުވެސް ވެއެވެ. ފުދޭވަރަށް ރިޒުޤު ނެތްކަމަކަށް އެއްވެސް މީހަކު އިންކާރެއް ނުކުރެއެވެ.
މިޒަމާނުގެ ކާފިރުން، އާބާދީ މާ ބޮޑުވެފައިވާ ކަމަށް ބުނާ ބުނުމަކީ ކުރީގެ ކާފިރުންނަށްވުރެ ނުބައި ބުނުމެކެވެ. މިއީ އެއަށްވުރެ ނުބައި ޢަޤީދާއެކެވެ. މިއަދުގެ މި ކާފިރުންނަކީ މިފަދަ ކަންކަމާމެދު ޖަދަލުކޮށްފައި ނުވާ ކުރީގެ ކާފިރުންނަށްވުރެ ނުބައި ބައެކެވެ.
މި އާޔަތްތަކާއި، ޙަދީޘްތަކާއި، ޤައުމުތަކުގެ އިޖްމާޢުއާއި، ފިޠުރަތާއި، ރަނގަޅު ވިސްނުމާއި އަދި ޙަޤީޤަތް އަމިއްލައަށްވެސް ދައްކައިދެނީ ބިމުގައި އުޅޭ އެންމެންނަށް ފުދޭވަރަށް ރިޒުޤު ހުރިކަމެވެ.
ނުކުތާ 3: ރިޒުޤު މަދުވަނީ މީސްތަކުންގެ އަނިޔާވެރިކަމުގެ ސަބަބުންނެވެ. ބިމުގައި ވަސީލަތްތައް މަދުވެގެނެއް ނޫނެވެ.
މިސާލަކަށް، ބައެއް ސަރުކާރުތަކުން އެމީހުންގެ ދަރަނި އަދާކުރުމަށް ޓެކްސް ނަގާއިރު، އެކަމުގެ އަސަރު އިޤްތިޞާދަށް ކުރެއެވެ. އަގުތައް މައްޗަށް ދެއެވެ. އަދި ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަކީ ފައިދާހުރި ކަމަކަށް ނުވާތީ، އެމީހުންނަށް ދަނޑުބިންތަކުގައި ގަސް އިންދުމަށް ކުޅަދާނަވެގެން ނުވެއެވެ. އެހެންކަމުން މިފަދަ ސަބަބުތަކާ ހުރެ ބަނޑުހައިހޫނުކަން އަތުވެދާނެއެވެ. ވަސީލަތްތައް މަދުވެގެނެއް ނޫނެވެ. އަދި އެމެރިކާ ފަދަ ބައެއް ޤައުމުތަކުން އަގުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ގިނައިން އުފެދޭ ދަނޑުވެރިކަމުގެ އުފެއްދުންތައް ކަނޑުތެރެއަށް އުކާލައެވެ.
މައްސަލައިގެ އަސްލަކީ އަނިޔާވެރިކަމެވެ. ރިޒުޤު ހުރެއެވެ. އެހެނަސް މީސްތަކުންގެ މެދުގައި މި ރިޒުޤާ ގުޅޭގޮތުން އަނިޔާވެރިކަމާއި، ހަނގުރާމައާއި، މެރުން ހިނގައެވެ. މިކަންކަމުގެ ސަބަބުން ރިޒުޤަށް އަސަރުކުރެއެވެ. އެހެނަސް ﷲ ވަނީ ބިން އުފައްދަވާފައި އެންމެންނަށް ފުދޭވަރަށް ރިޒުޤު ހުންނާނެ ގޮތަށެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ތަޤްވާވެރިވާންވާނެއެވެ. އޭރުން ﷲ އެ މީހަކަށް އޭނާގެ ރިޒުޤު ގެނެސްދެއްވާނެއެވެ.
ނުކުތާ 4: އާބާދީ މާ ބޮޑުވެފައިވާ ކަމުގެ މި މައްސަލަ ފެށިގެން އައީ މާލްތަސްގެ ނަޒަރިއްޔާއިންނެވެ.
މާލްތަސް ކިޔާ މީހަކު މި ނަޒަރިއްޔާ ގެނައެވެ. މިއީ އިސްލާމްދީނުގެ ޢަދާވާތްތެރިން ގެނައި އެހެނިހެން ކުނި ނަޒަރިއްޔާތަކެކޭ އެއްފަދައިން ހުރި ނަޒަރިއްޔާއެކެވެ. މިސާލަކަށް ފްރޮއިޑްގެ ނަޒަރިއްޔާތަކާއި، ޑާވިންގެ ނަޒަރިއްޔާތަކާއި އެހެނިހެން ނަޒަރިއްޔާތައްފަދައިންނެވެ. އެމީހުން މި ނަޒަރިއްޔާތައް ބޭނުންކޮށްފައިވަނީ އަހަރެމެންނާއި، އަހަރެމެންގެ މުޖުތަމަޢުތަކާއި އަދި އަހަރެމެންގެ ޒުވާނުންނަށް ހަމަލާދިނުމަށެވެ. މި ނަޒަރިއްޔާތަކުގެ އަސަރު ވަނީ ގިނަ މުޖުތަމަޢުތަކަށް ކޮށްފައެވެ. ޚާއްޞަކޮށް ހުޅަނގުގެ މުޖުތަމަޢުތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. މިއީ އެމީހުން އާބާދީއާއި ދަރިމައިވުން ކޮންޓްރޯލް ކުރަން މަސައްކަތްކުރާ ސަބަބެވެ.
އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ކިސިންޖަރ ވަނީ ދުނިޔޭގެ އާބާދީ އިތުރުވަމުންދާ މިންވަރާ ގުޅޭގޮތުން ސިޔާސަތުތަކެއް އެކުލަވާލާފައެވެ. އެމީހުން އެއްބަސްވެފައިވަނީ ދުނިޔޭގެ އާބާދީ މަދުކުރުމުގެ ލަނޑުދަނޑިއަށެވެ. އޭގެ ފަހުން އެމީހުން ވިސްނަނީ އެކަން ކުރާނެ ގޮތަކާ މެދުގައެވެ. އެމީހުން އެކަން ކުރަނީ ރޭވުންތަކާއި، ސިއްރު މަކަރުވެރި ޕްލޭންތައް މެދުވެރިކޮށެވެ.
ނުކުތާ 5: އެމީހުންގެ ވަރަށް ގިނަ ވަސީލަތްތައް ހުރެއެވެ. މިސާލަކަށް ހަނގުރާމަތަކާއި، ބައެއް ޤައުމުތަކުގައި ހަމަނުޖެހުންތަކާއި އޮޅުންތައް އުފެއްދުމާއި، ބަލިމަޑުކަމާއި، ވެކްސިންތަކާއި އެހެނިހެން ވަސީލަތްތައް ހިމެނެއެވެ.
މި ލަނޑުދަނޑި ޙާޞިލުކުރުމަށް އެމީހުންގެ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. މާލްތަސްގެ ނަޒަރިއްޔާއަކީ ވަރަށް ޢާންމު ނަޒަރިއްޔާއެކެވެ. އޭނާ ވަރަށް ޢާންމުކޮށް އާބާދީ މާ ބޮޑުވެފައިވާ ކަމާ ބެހޭގޮތުން ވާހަކަދެއްކިއެވެ. އެހެނަސް މިހާރުގެ މި އާބާދީ މަދުކުރުމުގެ އެޖެންޑާއަކީ ވަކި ޚާއްޞަ އެޖެންޑާއެކެވެ. މިއީ އެމެރިކާ ފަދަ ވަކި ޤައުމުތަކެއްގެ މަޞްލަޙަތުތަކާ ގުޅޭ އެޖެންޑާއެކެވެ.
وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا
މާނައީ: “އެ އެއްޗެއްގެ ރިޒުޤު ﷲގެ ޒިންމާފުޅުގައި މެނުވީ އަދި ބިމުގައި އުޅޭ އެއްވެސް ދިރޭ އެއްޗެއް ނުވެއެވެ.”
އިމާމް އައް-ސަޢްދީ (رحمه الله) ވިދާޅުވެފައިވަނީ ތައިސީރުލް ކަރީމިއް ރަޙްމާން ގައި: މާނައަކީ، ބިމުގައި އުޅޭ ހުރިހާ އެއްޗެއް، އިންސާނުންނާއި ޖަނަވާރުން، އެއްގަމުގައި އުޅޭ ތަކެއްޗާއި ކަނޑުގައި އުޅޭ ތަކެތި، މި ހުރިހާ އެއްޗެއްގެ ރިޒުޤާއި ދިރިއުޅުމުގެ ވަސީލަތްތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ގެރެންޓީކޮށްދެއްވާފައެވެ.”
“ޝައިޚް ވަނީ ބަޔާންކޮށްދެއްވާފައި މިޒަމާނުގެ މާލްތަސްގެ ނަޒަރިއްޔާ ގެންގުޅޭ މީހުންނާއި، ޔޫޖެނިކްސްގެ ނަޒަރިއްޔާ ގެންގުޅޭ މީހުންނަކީ ކުރީގެ ކާފިރުންނަށްވުރެ ނުބައި ބައެއްކަމެވެ. އެއީ މި ވަކި ޚާއްޞަ ނަޒަރިއްޔާތަކަކީ ކުރީގެ އެއްވެސް އުއްމަތެއްގައި ނުވަތަ ކުރީގެ ކުފުރުގެ އިސްވެރިންގެ ތެރޭގައި ފެނިފައިނުވާ ނަޒަރިއްޔާތަކެއް ކަމަށްވާތީއެވެ.
މި ބޭކާރު އަދި ނުބައި ނަޒަރިއްޔާތަކުގެ މައްޗަށް ބިނާކޮށް، މި ކުށްވެރިން ބޭނުންވަނީ ގިނަ އަދަދެއްގެ ފިރިހެނުންނާއި، އަންހެނުންނާއި އަދި ކުޑަކުދިން ދުނިޔެއިން ނައްތާލާށެވެ. އެމީހުން އެ މީހުންނަކީ ބޭކާރު ކާބޯތަކެތި ކާ ބައެއްގެ ގޮތުގައި ދެކެއެވެ. އެމީހުން ޢަމަލުކުރަނީ އަދި ވާހަކަދައްކަނީ ބިން އެމީހުންގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ދެކިގެން، އަދި އެ ބިން ބޭނުންކުރެވެމުންދަނީ އެމީހުންގެ ގެއްލުމަށް ކަމަށް ދެކިގެންނެވެ. އަދި އެމީހުން ޤަބޫލުކުރާ ގޮތުގައި އެމީހުންނަކީ ޑާވިންގެ ތަކާމުލުގެ ނަޒަރިއްޔާގައި އެންމެ މަތީ ދަރަޖައިގައި ތިބި، އަދި ބުއްދީގެ ގޮތުން އެންމެ މޮޅު ބައެއްކަމަށްވާތީ އެހެން މީހުންގެ މައްޗަށް ވެރިކަން ކުރުމުގެ ޙައްޤު އެމީހުންނަށް ލިބިގެންވެއެވެ.” ޝެއިޚް އަބޫ އިޔާޟް ލިޔުއްވާފައިވެ އެވެ.
5 ފެބުރުއަރީ 2011 ގައި ސީއެންއެންގެ ސަންޖޭ ގުޕްތާ (އެމްޑީ) ބިލް ގޭޓްސްއާއި ސުވާލު ކުރި އެވެ. “ކުރިއަށް އޮތް 10 އަހަރުގައި 10 ބިލިއަން ޑޮލަރު ގޭޓްސް ހޭދަކުރަނީ ކުރިއަށް އޮތީ ވެކްސިންގެ އަހަރު ކަމުގައި ހެދުމަށެވެ. މީގެ ހަޤީޤީ މާނައަކީ ކޮބައިތޯ؟ ބިލްގޭޓްސް ޖަވާބުގައި ބުންޏެވެ. “ރަނގަޅު، ކުރިއަށް އޮތް މި ދިހަ އަހަރުގައި އަހަރެން ޤަބޫލުކުރަނީ ޤަބޫލުނުކުރެވޭހާ ކުރިއެރުން ލިބޭނެ ކަމަށެވެ. އެއީ އައު ވެކްސިން އުފެއްދުމާއި، އެ ވެކްސިންތައް އެ ބޭނުން ޖެހިގެންވާ (ދުނިޔޭގެ) އެންމެހައި ކުދިންނާއި ހިސާބަށް ފޯރުކޮށްދެވޭކަން ޔަޤީންކުރުމެވެ. މީގައި އަހަރެމެން ކާމިޔާބުވެއްޖެ ނަމަ ކޮންމެ އަހަރަކު މަރުވާ 9 މިލިއަން ކުދިންގެ ތެރެއިން އޭގެ ދެބައިކުޅަ އެއްބައި ކަނޑާ ލެވިދާނެ އެވެ. އަދި (ވެކްސިންގެ) ފާއިދާ ތަކުގެ ތެރޭގައި ބަލި މަޑުކަން މަދުކުރުމާއި އާބާދީ ދަށްކުރުން ވެއެވެ. (ދައުލަތުން ވެކްސިން ޖެހުމުގެ ތެރެއަށް) އިންޓަރވީން ކުރެވެން ފެއްޓުމުން، މުޖްތަމަޢު އޭގެ އަމިއްލަ ނަފްސާއި މެދު ގޮތް ނިންމުމުގެ ފުރުޞަތު ލިބެ އެވެ.” [1]

